އިސްތިއުފާގެ ކުރިން ފައްޔާޒު: "ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ކުރިއެރުމެއް ނެތް"
މިހާރު
24 ނޮވެމްބަރު 2025 | ހޯމަ | 1:20
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހޭދަކުރެއްވި މުއްދަތުގައި އެންމެ ބޮޑަށް ބެއްލެވީ އެ ޕާޓީގެ އެއްބައިވަންތަކަން ގާއިމްކޮށް "އެއްވެގެން" މަސައްކަތް ކުރެވޭތޯ ކަމަށާއި މާޒީގައި ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީ އަށް ކުރިއެރުން ލިބޭ ތަން ފެނިވަޑައިނުގަންނަވާ ކަމަށް އެ މަގާމުން ރޭ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ފައްޔާޒު އެ ބައްދަލުވުން ނިންމަވާލެއްވުމުގެ ގޮތުން ދެއްކެވި ވާހަކައިގައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާނެ ކަން އިއުލާން ކުރައްވައިފަ އެވެ. އެ ބައްދަލުވުން ނިންމާލައްވައި، އިރުކޮޅެއް ފަހުން ފައްޔާޒު ވަނީ އިސްތިއުފާ ދެއްވައި، އެކަން ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފަ އެވެ.
މީޑިއާ ނުވައްދައި ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނަވައިގެން ދެއްކެވި އެންމެ ފަހު ވާހަކައިގައި ފައްޔާޒު ވަނީ އޭނާ ޗެއާޕާސަންގެ މަގާމާ މޭ 23، 2022 ގައި ހަވާލުވެވަޑައިގެންނެވި ހިސާބުން މިހާތަނަށް ކުރެއްވި ސިޔާސީ މަސައްކަތްތައް ކުރުކޮށް ވިދާޅުވެ ދެއްވައިފަ އެވެ. ހާއްސަކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުންގެ ނުތަނަވަސްކަމުން އެމްޑީޕީ ސަލާމަތް ކުރަން ކުރެއްވި މަސައްކަތްތައް ހާމަކޮށްދެއްވި އެވެ.