ސަލީމް ވިދާޅުވީ ސިޔާސީ މީހުން ވާހަކަ ދައްކަނީ އިހުލާސްތެރިކަމެއް އޮވެގެން ނޫން ކަމަށް

މިހާރު

24 ނޮވެމްބަރު 2025 | ހޯމަ | 11:45

ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް، އެއްވެ އުޅުމުގެ މިިނިވަންކަން މުހިއްމު ވަނީ ވެރިކަމުގައި ނޯންނަ އިރު ކަމަށާއި އެކަމުގައި އިހުލާސްތެރި އެއް ބަޔަކު ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

މުޒާހަރާ އާއި ހަޅުތާލުކުރުމުގެ ހައްގަށް، ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ ގާނޫނުން އަޅާފައިވާ ހުރަސްތައް އުވާލަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވާފައިވާ އިސްލާހަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ސަލީމް ވިދާޅުވީ، ކޮންމެ ބަޔަކަށް ވެސް ބާރު ލިބުމާ އެކު، ގާނޫނުއަސާސީ ވެސް "ފުރޮޅާލާ" ކަމަށާއި އެހެން އެތައް ބަދަލެއް ވެސް ގެންނަ ކަމަށެވެ. އިދިކޮޅުގައި ތިބޭ އިރު "މި ހުރިހާ އެއްޗެއް ވެސް" [އެއްވެ އުޅުމުގެ މިނިވަންކަން މިހާރަށް ވުރެ ބޮޑުކޮށް އޮތުން] ވެސް ޕާޓީތަކަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ވެސް އިހުލާސްތެރިކަމެއް ހުރި ނަމަ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު ފަދަ ހުރިހާ ކަމެއް އެ ޕާޓީ އަށް ވެރިކަމާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ދުވަސްވަރު އިސްލާހު ކުރީސް ކަމަށް ސަލީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް