ބޮޑުކުރި ފުލް މުސާރަ ލިބެން ފަށާނީ ޑިސެމްބަރު މަސް ނިމޭއިރު: ފިނޭންސް
މިހާރު
24 ނޮވެމްބަރު 2025 | ހޯމަ | 2:06
މި މަހުން ފެށިގެން ޕޭ ހާމަނައިޒްކޮށް، ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަށް ގެނެސްފައިވާ ބަދަލުތަކާ އެކު އެންމެ ފުރިހަމަ ގޮތުގައި މުވައްޒަފުންނަށް މުސާރަ ލިބެން ފަށާނީ އަންނަ ޑިސެމްބަރު މަހު ލިބޭ މުސާރައާ އެކު ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ ހާޒިރީ އަށް ބަލައިގެން މުވައްޒަފުންނަށް ދެމުންދާ އިނާޔަތްތައް ހިސާބު ކުރަނީ މިދިޔަ މަހުގެ 16 އިން މި ހިނގާ މަހުގެ 15 ގެ ނިޔަލަށް ކަމަށެވެ. އެހެންވެ، މިހާރު މުސާރަ އަށް ގެނެސްފައިވާ ބަދަލުތަކުގެ ކުރިއެރުން އެންމެ ފުރިހަމަ ގޮތުގައި ފެންނާނީ ޑިސެމްބަރު މަސް ނިމޭއިރު ލިބޭ މުސާރަ އިން ކަމަށް މިނިސްޓްރީން ބުންޏެެވެ.
މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި އިނާޔަތްތައް ހިސާބު ކުރަމުންދާ، ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 އާ ހަމައަށް އޮންނަ އުސޫލަކީ ސިވިލް ސާވިސްގެ ގަވާއިދާއެއްގޮތަށް 2010 ވަނަ އަހަރު އަމަލުކުރަން ފެށި އުސޫލެކެވެ.