އޮކްޓޫބަރު 7 ގެ ހަމަލާއާ ގުޅިގެން އިޒްރޭލު ސިފައިންގެ އިސް ޖެނެރަލުންތަކެއް މަގާމުން ވަކިކޮށްފި
މިހާރު
24 ނޮވެމްބަރު 2025 | ހޯމަ | 3:11
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ފަލަސްތީނުގެ ހަމާސް ޖަމާއަތުން ހަމަލާ ދިން އިރު އެކަން ނުހުއްޓުވުނު މައްސަލައިގައި އިޒްރޭލު ސިފައިންގެ އިސް ޖެނެރަލުންތަކެއް މަގާމުން ވަކިކޮށްފައިވާ ކަމަށް އަސްކަރިއްޔާގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އިޔާލް ޒާމިރު ބުނެފި އެވެ.
ޒާމިރު ބުނީ ހަމާސްގެ ހަމަލާ ތަހުގީގުކުރުމަށް ފަހު، އިސް ޖެނެރަލުންތަކެއް މަގާމުން ވަކިކޮށް އަދި ބައެއް މީހުންނަށް އިންޒާރު ދީ ނަސޭހަތްތެރިވެ އެކި ފިޔަވަޅުތައް އެޅީ އާންމު ރައްޔިތުން ހިމާޔަތްކުރުމުގައި އަސްކަރިއްޔާ ފެއިލްވުމުން ކަމަށެވެ.
އިޒްރޭލުގެ ހާރެޓްޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސް ޖެނެރަލުން އާމީ ޗީފްއާ ބައްދަލު ކުރުމަށް ހާޒިރުކޮށް އެ މީހުންގެ އަމަލުތަކާ މެދު ނިންމި ނިންމުންތައް އަންގައި، ވަޒީފާއިން ވަކިކުރުމުން ފެށިގެން ގޮސް، އެކި ޖެނެރަލުންނާ މެދު އެކި އެޅި އެކި ފިޔަވަޅުތައް ވަނީ އަންގައިފަ އެވެ.