އާ ކެންޑިޑޭޓަކު ނެރެން ދެއްކި ވާހަކައާ އެކު އެމްޑީޕީގެ ލީޑާޝިޕްގައި އަރައިރުން
މިހާރު
24 ނޮވެމްބަރު 2025 | ހޯމަ | 7:12
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ރަނގަޅުނޫން ކަމަށް ވިދާޅުވެ، ނަޝީދު ފެއްޓެވި "ޑައިލޮގް" އާ އެކު އެމްޑީޕީގެ ލީޑަޝިޕްގައި ނުތަނަވަސްކަން އުފެދިއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ 2028 ގެ ރިޔާސީ އިންތިހާބުގައި އެ ދެ ބޭފުޅުން ވާދަކުރެއްވުމުގެ ބަދަލުގައި އެހެން ބޭފުޅަކަށް ފުރުސަތު ދިނުން ރަނގަޅު ކަމަށެވެ. އެއާ އެކު އެ މަނިކުފާނު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަނުކުރައްވާ، ސޯލިހަށް ފުރުސަތުދެއްވަން ދެ ފަހަރަށް ހުށަހެޅުއްވި ކަމަށާއި އެހެން ނަމަވެސް ސޯލިހާއި އަރިސްބޭފުޅުންނަށް އެ ގޮތް ކަމުނުދިޔައީ ކަމަށެވެ.
"އެގޮތް ކަމު ނުގޮސް އަޅުގަނޑުމެންނާ ނުލާ އިންތިހާބު ކާމިޔާބުވާނެ ކަމަށް މާ ބޮޑަށް ދެކެވި މުޅި ކަން ހަރާބުވީ،" ނަޝީދު ވިދާޅުވި އެވެ.