ޒަކާތުން އެހީ ނުވި ކަމަށް ބުނުމުން މިނިސްޓަރު ޝަހީމް ހާމަކުރެއްވީ އެ މީހާގެ އެކައުންޓުގައި ހުރި ފައިސާގެ އަދަދު!
މިހާރު
24 ނޮވެމްބަރު 2025 | ހޯމަ | 8:17
ބަލި ކުއްޖަކު ހިމެނޭހެން ފަސް ކުދިން ބަލަމުން އަންނަ އެކަނިވެރި މަޔަކަށް ޒަކާތުން ހައްގު ނުވާ ކަމަށް ނިންމީ އެކައުންޓުގައި ފައިސާ ދައުރުވާތީ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނި ކަމަށް ތުހުމަތުކޮށް އަންހެނަކު ދެއްކި ވާހައަކަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ރައްދު ދެެއްވައި، އެ މީހާގެ ބޭންކުގެ ތަފުސީލު މިއަދު ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފި އެވެ.
ޒަކާތު ފަންޑުން އެހީނުވި ކަމުގެ ޝަކުވާ އައިޝާ ނަމަކަށް ކިޔާ އަންހެނަކު އުފުލީ ވިލިމާލޭ ރައްޔިތުންނާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވެވި ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި. މިނިސްޓަރު ޝަހީމް ވެސް ބައިވެރިވެޑައިގެންނެވި އެވެ.
އެ ބައްދަލުވުމުގައި ހިޔާލުފާޅުކުރަން ދިން ފުރުސަތުގައި އައިޝާ ބުނީ ވަރަށް ހާލުގައި ފަސް ދަރިން ބަލަމުން އަންނަ އިރު އޭނާ އަށް ވަޒީފާއެއް ލިބުނުތާ އަދިވީ ހަމަސް ދުވަސް ކަމަށެވެ. އެ އާއިލާގެ ނިކަމެތި ހާލަތު ހުރި ގޮތް ކަމަށް ބުނާ ގިނަ ތަފްސީލުތަކެއް އޭނާ ހާމަކުރި އެވެ.