ރަތްކާޑްގެ ފައިދާއެއް ޔުނައިޓެޑަކަށް ނުނެގުނު؛ "ޓީމުގައި ހަމަ ކަމެއް ނެތީ"
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 8:11
އެވަޓަންއިން މެޗުގެ ބޮޑުބައެއް، އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނަމަވެސް އޭގެ ފައިދާ ނުނެގި މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ 13 ވަނަ މިނެޓްގައި އެވަޓަންގެ އިދްރީސަ ގޭ އަށް ރަތް ކާޑް ދެއްކި އެވެ. އޭނާ އަށް ރަތްކާޑް ދެއްކީ އަމިއްލަ ޓީމުގެ ޑިފެންޑަރު މައިކަލް ކީންގެ މޫނުމަތީގައި ޖެހުމުންނެވެ.
ޓީމުގެ ދެ ކުޅުންތެރިޔެއްގެ ދެމެދުގައި އުފެދުނު ހައިޖާނުގެ އަސަރު ޓީމަށް ކުރިޔަކަ، އެވަޓަންގެ ކުޅުންތެރިން ނުދިނެވެ. އެ ޓީމުގެ ލަނޑު ކީރްމަން ޑިއުސްބަރީ ހޯލް ޖެހީ މެޗުގެ 29 ވަނަ މިނެޓްގަ އެވެ.