ނާކާމިޔާބުވި ސުޕަ ލީގުގެ ކުންފުނިން މިފަހަރު އިއުލާން ކުރަނީ "ޔުނިޓީ ލީގު"
މިހާރު
25 ނޮވެމްބަރު 2025 | އަންގާރަ | 10:11
ޔޫރަޕްގެ ވަރުގަދަ 12 ކްލަބަކާ އެކު 2021 ގައި ޔޫރަޕިއަން ސުޕަ ލީގުގެ ނަމުގައި މުބާރާތެއް އުފައްދަން މަސައްކަތް ކުރިން ކުންފުނިން ޔުނިޓީ ލީގުގެ ކޮންސެޕްޓްގެ އެހެން މުބާރާތެއް ހަދަން ޔޫއެފާގެ ކިބައިން ހުއްދަ އަށް އެދިއްޖެ އެވެ. "އޭ22" ކުންފުނިން ހުކުރު ދުވަހު ޔޫއެފާ އަށް ފޮނުވި ސިޓީގައި އެދިފައި ވަނީ އަށް ހަފުތާތެރޭ އެ ލީގަށް ހުއްދަ ދިނުމަށެވެ. ޔޫރަޕިއަން ސުޕަ ލީގު ހުއްޓުނީ އެ މުބާރާތް އުފައްދަން ބައިވެރިވާ ކްލަބްތަކަށް ޔޫއެފާއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދިނުމުންނެވެ. އެންމެ ފަހުން ގިނަ ކްލަބްތައް އެ މުބާރާތުން ވަކިވީ އެވެ. މިހާރު އެ މަސައްކަތުގައި އޮތީ ރެއާލް މެޑްރިޑް އެކަންޏެވެ. ސުޕަ ލީގު ހުއްޓުވި މައްސަލައިގައި ޔޫއެފާ ގޮވައިގެން ކޯޓަށް ދިޔަ އެވެ. ކޯޓުން ނިންމީ މުބާރާތް ބާއްވުމުގެ ހައްގަށް ހުރަސްއެޅުމަކީ ޔޫއެފާއިން އީޔޫގެ ގާނޫނާ ހިލަފުވުން ކަމަށެވެ. ކޯޓުގެ ނިންމުމާ އެކު ރެއާލް މެޑްރިޑުން މި މަހު ބުނީ އެ މުބާރާތް ހުއްޓުވާލުމުން ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދަން ޔޫއެފާ ގޮވައިގެން ކޯޓަށް ދާނެ ކަމަށެވެ. އޭ22 އިން އާ މުބާރާތެއް ހަދަން ޔޫއެފާގެ ކިބައިން ހުއްދަ އަށް އެދުނީ މުބާރާތް ބޭއްވުމަށް ޔޫއެފާ އަށް ހުރަސް ނޭޅޭނެ ކަމަށް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ.
"މިއަދާ ހަމައަށް އީޔޫގެ ތަފާތު ތިން ކޯޓަކުން (އީޔޫގެ އެންމެ މަތީ ކޯޓު ވެސް ހިމެނޭގޮތަށް) އެއްވެސް ޝައްކެއް ނުއުފެދޭ މިންވަރަށް ހުކުމްކޮށްފަ އެވަނީ ޔޫއެފާއިން ނޫފޫޒު ބޭނުންކޮށްގެން ގާނޫނާ ހިލާފު ވެފައިވާކަމަށެވެ. އަދި އެއީ ނުކުރެވޭނެ ކަމެއްކަމަށް ވެސް ކަނޑައަޅާފައި ވެއެވެ،" އޭ22 ގެ ސީއީއޯ ބާންޑް ރައިޗާޓް ސޮއިކޮށް ޔޫއެފާ އަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.