ފަށާފައި ހުރި ކަންކަން ނިންމަން ފުވައްމުލަކުގެ މޭޔަރަކަށް އަނެއްކާ ވެސް އިސްމާއިލް ކުރިމަތިލައްވަނީ
މިހާރު
26 ނޮވެމްބަރު 2025 | ބުދަ | 9:31
ފުވައްމުލަކުގެ ތަރައްގީ އަށް ފަށާފައިވާ ކަންކަން ނިންމުމަށް އާ ދައުރަކަށް ކުރިމަތިލައްވަން އެ ސިޓީގެ މިހާރުގެ މޭޔަރު އިސްމާއިލް ރަފީގް ނިންމަވައިފި އެވެ.
މީގެ ހަތަރު އަހަރު ކުރިން ފެށިގެން ފުވައްމުލަކުގެ މޭޔަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައިވާ ގޮތުން އަންނަ އަހަރުގެ މާޗު 28 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މޭޔަރުގެ މަގާމަށް އަނެއްކާ ވެސް ވާދަކުރައްވަނީ ފަށާފައިވާ ކަންކަން ނިންމުމަށާއި ޕްލޭން ކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދާށެވެ.
"އަޅުގަނޑު މި ސިޓީގެ ކުރިއެރުމަށް ހާސިލް ކުރަން ބޭނުންވާ ކަންކަން ކޮށް އަދި ނިމުނީއެއް ނޫން. ފެށިފައި ހުރި ކަންތައްތައް ހަރުދަނާ ގޮތަކަށް ކުރިއަށް ގެންދިއުމަށާއި ޕްލޭން ކޮށްފައި ހުރި އިތުރު ކަންކަން ފަށައި، އެ ކަންކަން ކުރިއަށް ގެންދަން އަދި އިދާރީ ހިންގުން އިތުރަށް ހަރުދާނާ ކުރުމަށް އިތުރު ދައުރެއް ފުރިހަމަ ކުރަން އަޅުގަނޑު ބޭނުންވޭ،" އިދިކޮޅު އެމްޑީޕީގެ މެމްބަރު އިސްމާއިލް ވިދާޅުވި އެވެ.