ރައުދަށް 27 ދުވަހުގެ ހުކުމެއް، ތަންފީޒު ކުރަންޖެހޭ އަދަބެއް ނެތް
މިހާރު
26 ނޮވެމްބަރު 2025 | ބުދަ | 2:23
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި، އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އޭނާ 27 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އޭޕްރީލް މަހު ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީ ނުވުމުގެ ދައުވާ އެވެ. އެއީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އެހީ ނުވެ އެތަނުން ގޮސްފައިވާތީ އެވެ.
އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، ރައުދުގެ މައްޗަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާ ކޯޓުގައި އެ ކުށަށް އެއްބަސްވެފައިވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ. އަދި އަދަބުގެ މިންވަރު މަތިކުރަން ދައުލަތުން އެދިފައިނުވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.