މަތީ ފުރުސަތުތަކާއި މަގާމުތައް ދޫކޮށް އަމިއްލަ ރަށުގެ ތައުލީމު ބަދަލުކޮށްލި ޕްރިންސިޕަލް
މިހާރު
28 ނޮވެމްބަރު 2025 | ހުކުރު | 11:01
ދެހާސް ހަތަރުވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހެވެ. ދަރިވަރުންނަށް މަރުހަބާ ކިޔަން މި ރަށު ސްކޫލް ވެސް އޮތީ ތައްޔާރު ކޮށްފަ އެވެ. އޭގެ ކުރީ ދުވަހާއި އެރޭ މުދައްރިސުން އަވަދިނެތި އުޅުނީ އެ މަސައްކަތުގަ އެވެ. ދަރިވަރުންނާ ބައްދަލުކުރަން އެ މުދައްރިސުން ތިބީ ކެތްމަދުވެފަ އެވެ. އެ ދުވަހަށް ހާއްސަކޮށް ހޯދި އާ ހެދުން ލައި ޒީނަތްތެރިވެގެން، ހެނދުނު ހެނދުނާ ބާރުބާރަށް ހިނގާފައި ޓީޗަރުން ސްކޫލާ ދިމާލަށްދާތަން ފެނެ އެވެ.
އެކަމަކު ރާއްޖޭގެ އެކިކަންކޮޅުތަކުގެ ސްކޫލްތައް ހިންގަވައި ކިޔަވައި ދެއްވުމުގައި ވަގުތުތައް ހުސްކުރެއްވި މި ރަށު، ޔޫސުފް ޒަކަރިއްޔާގެ މިސްރާބު އެ ދުވަހު ހުރީ ސްކޫލާ ދިމާލަކަށް ނޫނެވެ. އޭނާ ލައިގެން ހުރީ ވެސް އާ ހެދުމެއް ނޫނެވެ. ނަލަ ހެދި، ޒީނަތްތެރިއެއް ނުވެ އެވެ. އޭނާ ގަޔަށް މަހާލާފައި ވަނީ އަތް ދިގު ޓީޝާޓެކެވެ. ތިރިން ލައިގެން ހުރީ ޓްރެކްޝޫޓެކެވެ. އޭނާ ނުކުތީ ކޮންސްޓްރަކްޝަން މަސައްކަތަށެވެ.
އެ ނޫނިއްޔާ ދިރާސީ އަހަރެެއްގެ ފުރަތަމަ ދުވަހެއްގައި، ދަރިވަރުންނާ ބައްދަލުކުރަން ނުހުރެވުނު، އަހަރެއް ތައުލީމީ ދާއިރާގައި އޭނާ ހޭދަކުރެއްވި ދިގު މުއްދަތުގައި ފާއިތުވެފައެއް ނުވެ އެވެ. އެ އަހަރު ހާލަތު ދިމާވި ގޮތުން ދަރިވަރުންނާ ބައްދަލުކުރެއްވުމުގެ ފުރުސަތެއް އޭނާއަކަށް ލިބިވަޑައެއް ނުގެންނެވި އެވެ. އެކި އަތޮޅުތަކުގެ ރަށްރަށުގެ ސްކޫލްތައް ލީޑް ކުރެއްވުމުގައި ހައެއްކަ އަހަރު އޭނާ ހޭދަ ކުރެއްވި އެވެ. އެއީ އޭރު އޭނާ އަށް ދިން ބޮންޑުގެ މުއްދަތެވެ.