އެޗްއައިވީ ކޭސްތައް މުޅި ދުނިޔޭގައި 40 ދަށަށް، ލަންކާގައި 48 ޕަސެންޓް މައްޗަށް
މިހާރު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 7:20
މުޅި ދުނިޔެއަށް ބަލާއިރު އެޗްއައިވީގެ އާ ކޭސްތަކުގެ އަދަދު 2010 އިން 2024 އަށް 40 ޕަސެންޓް ދަށަށް ގޮސްފައި ވާއިރު ސްރީ ލަންކާގައި ދިޔައީ އޭގެ އިދިކޮޅަށް، 48 ޕަސެންޓް މައްޗަށް ކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފި އެވެ.
ޔުނައިޓެޑް ނޭޝަންސް ޕްރޮގްރާމް އޮން އެޗްއައިވީ/އެއިޑްސް (ޔޫއެންއެއިޑްސް) އިން ބުނާ ގޮތުގައި އެއިޑްސް ޖައްސާ އެޗްއައިވީ ވައިރަސް ފެތުރޭ މިންވަރު އެކި ސަރަހައްދުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ތަފާތުވެ އެވެ. އެކަމަކު ލަންކާގައި މި ރޭޓް ހުރީ ސަރަހައްދީ ނިސްބަތުން ބަލާއިރު ވެސް އެހެން ގައުމުތަކާ އެއްގޮތަކަށް ނޫނެވެ.
ލަންކާގައި 2010 އިން 2024 އަށް ބަލާއިރު އެޗްއައިވީގެ އާ ކޭސްތަކުގެ އަދަދު 48 ޕަސެންޓަށް މަތިވެފައި ވާއިރު މިދިޔަ އަހަރަކީ މިހާތަނަށް މުޅި ތާރީހުގައި ވެސް އެޗްއައިވީގެ އާ ކޭސްތައް އެންމެ ގިނައިން ފެނުނު އަހަރެވެ. އެއީ 824 އެވެ. މި އަދަދު ރެކޯޑްކުރެވިފައި މި ވަނީ މިދިޔަ 10 އަހަރު ވެސް ކޮންމެ އަހަރަކު މި އަދަދު މަތިވަމުން ގޮހެވެ.