ގިނީ-ބިސާއޫގެ ދެ ކެންޑިޑޭޓުން ވެސް "އެއްބުރުން" ކާމިޔާބީ އިއުލާނުކުރުމުން ސިފައިން ވެރިކަން ވައްޓާލައިފި
މިހާރު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 7:14
ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީ-ބިސާއޫގައި ބޭއްވި އާންމު އިންތިހާބުގައި ރައީސް އުމަރޯ ސިސޯކޯ އެމްބާލޯ އާއި އޭނާގެ ވާދަވެރި ކެންޑިޑޭޓް ފެންޑާންޑޯ ޑަޔަސް ވެސް "އެއްބުރުން ކާމިޔާބުވި" ކަމަށް ވިދާޅުވުމާ އެކު ހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް ސިފައިން ނުކުމެ ރައީސް ހައްޔަރުކޮށް ވެރިކަން ވައްޓާލައިފި އެވެ.
އިންތިހާބަށް ތިން ދުވަސް ފަހުން އަސްކަރިއްޔާގެ ފައުޖެއް ޓީވީއަށް އަރައި ވެރިކަން ވައްޓާލައި ގައުމުގެ ކޮންޓްރޯލް ހޯދާފައިވާކަން އިއުލާނުކުރުމުގެ ކުރިން ރިޔާސީ ގަނޑުވަރާއި އިލެކްޝަންސް ކޮމިޝަން ކައިރީ ވަރުގަދައަށް ބަޑީގެ ހަމަލާތައް ވެސް ދީފައިވެ އެވެ.
ގައުމުގެ ކަންކަން ހަމަޔަކަށް އަޅުވަން ނިކުތް "ހައި މިލިޓަރީ ކޮމާންޑް" ގެ ގޮތުގައި ސިފަކުރަމުން ސިފައިން ބުނީ އިންތިހާބާ ގުޅޭ ހުރިހާ މަސައްކަތެއް، ވަކި ގޮތަކަށް އަންގަންދެން ސަސްޕެންޑްކޮށްފައިވާ ކަމަށާއި އެއްގަމާއި ވަޔާއި ކަނޑުން ވެސް ބޯޑަރުތައް ވެސް މިހާރު ބަންދުކޮށްފައިވާ ކަމަށެވެ.