ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
މިހާރު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 2:46
އަންނަ އަހަރު އިންތިހާބުކުރާ ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު މިއަދު ފާސްކޮށްފި އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށްފައިވަނީ 54 މެންބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ 11 މެންބަރަކު ވޯޓު ދެއްވި އެވެ.
އެ އިސްލާހުގައިވާ ގޮތުން 2،000 މީހުންނަށް ވުރެ ދަށް އާބާދީތަކަށް ދެން ހޮވާނީ ތިން ކައުންސިލަރުންނެވެ. އެއަށް ވުރެ މަތީގެ އާބާދީގެ ރަށްތަކަށް ހޮވާނީ ފަސް ކައުންސިލަރުންނެވެ. މީގެތެރެއިން ތިން ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ކައުންސިލަރެއް އަދި ފަސް ކައުންސިލަރުން ހޮވާ ކައުންސިލްތަކަށް އަންހެން ދެ ކައުންސިލަރުން ހޮވުން ލާޒިމެވެ.