ރައްޔިތުން ކުރަން ބޭނުންވާ ސުވާލު މެމްބަރުން ނުހޯއްދަވަން ރައީސް އެދިވަޑައިގެންފި
މިހާރު
28 ނޮވެމްބަރު 2025 | ހުކުރު | 11:48
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނާ ބައްދަލުކުރައްވަން ބާއްވަވާ ބައްދަލުވުންތަކުގައި އެކި ރައްޔިތުން އެމަނިކުފާނާ ކުރަން ބޭނުންވާ ސުވާލާއި ދޭން ބޭނުންވާ މެސެޖްތައް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދުރާލައި ނުހޯއްދަވަން އެމަނިކުފާނު އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެމްބަރަކު "މިހާރު"އަށް ވިދާޅުވި ގޮތުގައި އެގޮތަށް ކަންތައް ނުކުރައްވަން އެދިވަޑައިގެން ރައީސް މެސެޖެއް ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށެވެ.
ރައީސް މިގޮތަށް އެންގެވީ އެ މަނިކުފާނު ބާއްވަވަން ނިންމަވާފައިވާ ބައްދަލުވުމެއްގައި ކުރާނެ ސުވާލު ފޮނުވައިދޭން މަޖިލީހުގެ މެމްބަރަކު، އެ ދާއިރާގެ މެމްބަރުންގެ ގްރޫޕަކަށް މެސެޖް ކުރެއްވިކަން އެނގިވަޑައިގަތުމުން ކަމަށް ވެ އެވެ.