އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ވަހީދު ވާދަކުރަނީ
މިހާރު
28 ނޮވެމްބަރު 2025 | ހުކުރު | 9:06
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމުން އެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ކުރިމަތިލައްވަން ނިންމަވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް މިދިޔަ އާދިއްތަ ދުވަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ހޯއްދަވައި ދެއްވާނެ ކަމަށް އޭނާ ވެފައިވާ ވައުދު ފުއްދެވުމުގެ ގޮތުން ކަމަށް ވިދާޅުވެ އެވެ.
އެހެންވެ، ވަގުތީ ގޮތުން އެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ވަހީދު ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި އެ ޕާޓީން މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި އެކަމަށް ވޯޓަށް އެހުމަށް ވަނީ ހަމަޖައްސައިފަ އެވެ.