އެމްޑީޕީ އޮތީ އުނދަގޫ ހާލަތެއްގައި، ބޭނުންވަނީ އެންމެން އެކުވާން: ނަޝީދު
މިހާރު
29 ނޮވެމްބަރު 2025 | ހޮނިހިރު | 8:33
އެމްޑީޕީ އަށް މި ވަގުތު ދިމާވެފައިވަނީ އުނދަގޫ ހާލަތެއް ކަމަށާއި އެކަމުން އަރައިގަންނަން މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ސިޔާސީ ނުތަނަސްކަމުގެ ތެރޭގައި އެމްޑީޕީއާ ދުރުގައި ހުންނެވުމަށް ފަހު، މި އަހަރުގެ ޖޫން 23 ގައި އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވި ނަޝީދު އެހެން ވިދާޅުވިއިރު، ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބަށް ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމުގައި ވެސް އެމްޑީޕީ މިހާރު ވަނީ ބައިބައިވެފަ އެވެ.
އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވި މައިގަނޑު އެއް ސަބަބަކީ ވެސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުން އަރައި ނުގަނެވުން ކަމަށް ވަނީ ވިދާޅުވެފަ އެވެ. ހާއްސަކޮށް އެމްޑީޕީއާ ދުރުގައި ދެ އަހަރެއްހާ ދުވަސް ވަންދެން ހުންނެވުމަށް ފަހު، ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމުން އެ މަނިކުފާނު ބަލައިގަތުމާ މެދު ވަނީ ބޮޑު ދެބަސްވުމެއް އުފެދިފަ އެވެ.