ޑިއާޒް އާއި ޖެކްސަން ވެގެން ފަހު ވަގުތު ބެޔާން މޮޅުކޮށްދީފި
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 11:05
މިއުނިކް (ނޮވެމްބަރު 30) - ޖަރުމަން ބުންޑެސްލިގާގައި ރޭ ބެޔާން މިއުނިކާއި އެސްޓީ ޕައުލީ ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް ލުއިސް ޑިއާޒް އާއި ނިކޮލަސް ޖެކްސަން ޖަހައިދިން ގޯލުތަކާ އެކު 3-1 އިން ބެޔާން މޮޅުވެއްޖެ އެވެ.
ބެޔާންގެ ދަނޑުގައި ކުޅުނު މި މެޗުގައި ޕައުލީ ވަނީ ހަ ވަނަ މިނިޓުގައި ލަނޑު ޖަހައި ލީޑޫ ނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބާންލީގެ ލޯނު އެއްބަސްވުމެއްގައި އެ ޓީމަށް ކުޅެމުން އަންނަ އަންޑްރެސް ހައުންޓަންޖީ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް، ރަފައެލް ގުރޭރޯ، ބެޔާނަށް ނަތީޖާ އެއްވަރު ކޮށްދިނެވެ.
ޑިއާޒް އާއި ޖެކްސަން، ބެޔާން މޮޅު ކޮށްދިނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ގޯލު ޖަހައިގެންނެވެ. އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި ބެޔާން ލީޑު ނެގީ ޑިއާޒް ޖަހައިދިން ގޯލުންނެވެ. އަދި ޖެކްސަން ލަނޑު ޖެހީ އޭގެ ތިން މިނިޓު ފަހުންނެވެ.