ވޯޓާ ސްޕޯޓްސް ސެންޓަރުތަކަށް ބޭނުންވާ ޕަބްލިކް ލައިބިލިޓީ ކަވަރޭޖް އެލައިޑުން
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 2:53
ރާއްޖެއަށް ޒިޔާރަތްކުރާ ގިނަ ފަތުރުވެރިންނަކީ މޫދު ކުޅިވަރުގެ ތަފާތު ތަޖުރިބާތައް ކުރުމަށް ޒިޔާރަތްކުރާ ބައެކެވެ. ރީތި ރާޅުތަކުގެ ތެރޭގައި ސާފްކުރުމުން ފެށިގެން, ޖެޓް ސްކީ ދުއްވާލުމާއި އެކި ވައްތަރުގެ މަސްމަހާމެއްސާ އެކު ފެތުމާއި, މުރަކައިގެ ބަގީޗާތައް ބަލައިލުމަށް ފީނުމާއި ޑައިވިން ފަދަ ތަފާތު ތަޖުރިބާތައް ކުރުމަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަ އެވެ.
ރާއްޖޭގެ ރިސޯޓުތަކުގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިހެން ވޯޓާ ސްޕޯޓްސް ސެންޓަރުތަކުގެ ވިޔަފާރި ފުޅާވެފައި ވާއިރު, މިއީ ޓޫރިސްޓުންގެ އިތުރުން ދިވެހިންގެ މެދުގައި ވެސް މަގުބޫލުކަން ބޮޑު ހަރަކާތްތަކެކެވެ. ވޯޓާ ސްޕޯޓްސް ކުޅިވަރުތަކަކީ ސެންޓަރުތަކުގެ އިންސްޓްރަކްޓަރުންނާ އެކު ރައްކާތެރި ގޮތުގައި ސަލާމަތީ ފިޔަވަޅުތަކާއި އެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ނަމަވެސް, މިއީ ކުއްލި ނުރައްކާތައް ދިމާވެދާނެ ފަދަ ރިސްކުތައް ގިނަ ކަމަކަށްވުމުން ކުރިމަތި ވެދާނެ ހާލަތަކަށް ތައްޔާރުވުމަށް މިފަދަ ވޯޓާ ސްޕޯޓްސް ސެންޓަރުތަކުން ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ހޯދަން ޖެހެ އެވެ. މިއީ ވޯޓާ ސްޕޯޓްސް ސެންޓަރުތަކަށް ގާނޫނުން ވެސް ލާޒިމުކޮށްފައި އޮންނަ ކަމެކެވެ.
ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް މުހިންމު ވަނީ ވޯޓާ ސްޕޯޓްސް ކުޅިވަރުތަކުގައި ރިސްކު ބޮޑުވުމުންނެވެ. މިފަދަ ކުޅިވަރުތަކުގައި ބައިވެރިވާ އެކި މީހުންގެ ހުނަރުތަކަކީ އެކި ފަންތީގައި ހުންނަ ހުނަރުތަކަކަށް ވެފައި, ބައެއް މީހުން ޕެނިކްވެ, ނުވަތަ ކުއްލިއަކަށް ހާސްވުމުގެ ސަބަބުން ނުވަތަ މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ސަބަބުން ވެސް ނުރައްކަލަށް ހުށައެޅެ އެވެ. މިފަދަ ހާލަތްތަކުގައި ބައެއް ފަހަރު އެކި ވަރުގެ އަނިޔާތައް ވެސް ލިބިފައި އެބަ ހުއްޓެވެ. ނުވަތަ ބައެއް ހާލަތްތަކުގައި ބައެއް އިކުއިޕްމަންޓުތަކަށް ވެސް ގެއްލުން ލިބިފައި އެބަ ހުއްޓެވެ. މިފަދަ ހާލަތްތަކުގައި ބަދަލު ދޭން ޖެހިއްޖެ ނަމަ, ޕަބްލިކް ލައިބިލިޓީން އެ ދޭން ޖެހޭ ބަދަލެއްގެ އަގު ކަވަރުކޮށްދޭނެ އެވެ.