މެސީ ކެރިއަރުގެ 47 ވަނަ ތައްޓާ އެކު އެމްއެލްއެސް ކަޕް ފައިނަލަށް
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 1:17
އާޖެންޓީނާގެ ތަރި ލިއޮނެލް މެސީގެ ކެޕްޓަން ކަމުގައި ކުޅޭ އިންޓަ މަޔާމީ، އީސްޓާން ކޮންފަރެންސްގެ ޗެމްޕިއަންކަން ހޯދައި، ކެރިއަރުގެ 47 ވަނަ ތައްޓާ އެކު އެމްއެލްއެސް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އީސްޓާން ކޮންފަރެންސް ޕްލޭއޮފް ފައިނަލްގައި އިންޓަ މަޔާމީ ވަނީ މިއަދު ހެނދުނު ނިއު ޔޯކް ސިޓީ އެފްސީއާ ވާދަކޮށް 5-1 އިން މޮޅުވެފަ އެވެ. ސްޕެއިންގެ ސެލްޓަ ވިގޯގެ ލޯނު އެއްބަސްވުމެއްގައި މަޔާމީއަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ޓަޑެއޯ އަލެންޑޭ ވެސް ހެޓްރިކެއް ހެދި އެވެ.
މެސީ އަށް ގޯލެއް ނުޖެހުނު ނަމަވެސް އޭނާ ވަނީ އާޖެންޓީނާގެ މިޑްފީލްޑަރު މަޓެއޯ ސިލްވެޓީ ޖެހި ލަނޑު އެސިސްޓް ކޮށްދީފަ އެވެ. އެ ޓީމުން ދެން ލަނޑު ޖެހީ ވެނިޒުއޭލާގެ މިޑްފީލްޑަރު ޓެލަސްކޯ ސެގޯވިއާ އެވެ. މެސީ އާއެކު ބާސެލޯނާ އަށް ކުރިން ކުޅުނު ޖޯޑީ އަލްބާ ވަނީ މި މެޗުގައި ދެ ގޯލު އެސިސްޓް ކޮށްފަ އެވެ. އަލެންޑޭ މަޔާމީގެ ފުރަތަމަ ލަނޑު ޖެހީ ސާޖިއޯ ބުސްކެޓްސް ދިން ބޯޅައެއްގަ އެވެ.