ތިމާވެއްޓަށް ވުރެ އިންސާނުން މުހިންމު ތަ؟
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 7:35
ތިމާވެއްޓަށް ވުރެ އިންސާނުން މުހިންމީ ހެއްޔެވެ؟ ނުވަތަ އިންސާނުންނަށް ވުރެ ތިމާވެށި މުހިންމީ ހެއްޔެވެ؟ މިއީ މިހާރަކަށް އައިސް ބަހުސްކުރެވޭ މައުލޫއު އެކެވެ. އަޅުގަނޑަށް މި ސުވާލު ވަނީ އަންތަރީސް ވެ، ހައިރާންވާ ވަރުގެ ސުވާލަކަށެވެ. އެހެނީ މިއީ އަޅުގަނޑުމެން "އަޅުގަނޑުމެންގެ ހަށިގަނޑަށް ވުރެ ހިތް މުހިންމީ ހޭ؟" ސުވާލު ކުރުން ފަދަ ކަމަކަށް ވާތީ އެވެ.
ޝައްކެތް ވެސް ނެތެވެ. ތިމާވެއްޓަކީ އަޅުގަޑުމެންގެ ހަށިގަނޑުގައިވާ ހިތެވެ. އަޅުގަނޑުމެންގެ ޖިސްމަށް ހިތް ނެތި ނޫޅެވޭނެ ފަދައިން އަޅުގަނޑުމެންނަށް ތިމާވެއްޓަކީ އެއާ ނުލައި އަދި އެ އަށް ފަރުވާ ކުޑަ ނުކުރެވޭނެ ކަމެކެވެ. މި ޖަޒީރާ ރާއްޖޭގެ ކޮންމެ ދިވެއްސަކަށް ވެސް ދުނިޔޭގެ އެހެން އިންސާނަކަށް ވުރެ ބޮޑަށް މުހިންމު ވާންވީ ތިމާވެއްޓެވެ. އަޅުގަނޑުމެން ތިމާވެއްޓަށް އަހަންމިއްޔަތުކަން ނުދޭ ނަމަ ކުރިމަތިވާން އޮތް ކާރިސާތަކާއި ހުށަހެޅިދާނެ ގޮންޖެހުންތަކަކީ އެ ކަމާ މެދު އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
ތިމާވެށީގައި އަޅުގަނޑުމެން ދިވެހީން އިސްނަގައި، މިކަމުގައި ދުނިޔޭގެ ލީޑަޝިޕް ނުދައްކައިފި ނަމަ މި ލޮބުވެތި ވަތަން އަޅުގަނޑުމެންގެ އަތުން ދޫވެ، ބީވެދާނެ އެވެ. އަޅުގަނޑުމެންގެ ދަރީންނަށް އަމާނާތްތެރިކަމާއި ރައްކާތެރިކަމާ އެކު ހަވާލުކުރަންޖެހޭ މި ގައުމު އަޅުގަނޑުމެންނަށް ހަވާލު ނުކުރެވި، އެ ކުދީންގެ މުސްތަގުބަލު ބަރުބާދު ވެދާނެ އެވެ. އަޅުގަނޑުމެންގެ މައްޗަށް ބަސް ކިޔަން އެހެން ބަޔަކު އިސްވާނެ ފަދަ "ތިމާވެށީގެ ރެފިއުޖީން" ގެ ގޮތުގައި ހާލަތު ބަދަލު ވެދާނެ އެވެ. ތިމާވެށި އަޅުގަނޑުމެންނާ އިދިކޮޅަށް އެނބުރުމުގެ ކުރިން އަޅުގަނޑުމެން ތިމާވެއްޓަށް އަޅާލަން ޖެހެ އެވެ.