އިބޫ އާއި ޝާހިދުގެ ހުރަސްތަކާ ހެދި ކަމަށް ވިދާޅުވެ ވަހީދު ފަހަތަށް ޖެހިވަޑައިގެންފި
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 3:57
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމު ކާމިޔާބުވި ނަމަވެސް އެ ޕާޓީގެ އެޑްވައިޒަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ ހުރަސްތަކާ ހެދި ކަމަށް ވިދާޅުވެ، އެ ވޯޓުގައި ވާދަކުރެއްވި ކުރުން އަނބުރާ ގެންނަން ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ނިންމަވައިފި އެވެ.
އޭނާ އެހެން ނިންމެވިކަން އިއުލާން ކުރެއްވީ، އެމްޑީޕީގެ ރައީސް ޝާހިދަށް މިއަދު ފޮނުއްވި ސިޓީއެއްގަ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އެ މަގާމު ފުރުއްވި ފައްޔާޒު އިސްމާއިލް މި މަހުގެ 23 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. އެހެންވެ، އެ މަގާމުގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން އަދާކުރައްވާނެ ބޭފުޅަކާ މެދު ގޮތެއް ނިންމަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ވަހީދުގެ ނަން ހުށަހަޅައި ވޯޓަށް އެހި ނަމަވެސް ވަކި ހިސާބަކުން ނިޒާމު ގެއްލި ޖަލްސާ ނިންމާލީ އެވެ.