ގަވާއިދާ ހިލާފު ކަމެއް އެއްވެސް އޮފިސަރަކަށް ނުކުރެވޭ ކަން ޝަމްއާން އަންގަވާ: އިންޓެލިޖެންސް ހެޑް
މިހާރު
30 ނޮވެމްބަރު 2025 | އާދިއްތަ | 5:24
ގަވާއިދާ ހިލާފަށް އެއްވެސް އިރުޝާދެއް އިމިގްރޭޝަންގެ އެއްވެސް އޮފިސަރަކަށް ނުދެވޭނެ ކަމަށް އެ ތަނުގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު އެންގެވި ކަމަށް އިމިގްރޭޝަންގެ އިންޓެލިޖެންސް ޑިޕާޓްމެންޓްގެ ހެޑް މުހައްމަދު ޝިފާން ކްރިމިނަލް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ މާޗު މަހު ޝަމްއާން މަގާމުން ވަކިކޮށް، ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000ރ. ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލާގަ އެވެ.
އެ މައްސަލާގައި ޝަމްއާންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ފޭރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން ކުރެ އެވެ. އެ މައްސަލާގެ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުގައި ބަހައްޓަން ކޯޓުން ކުރިން އޮތީ އަމުރު ކޮށްފަ އެވެ.