އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކު ހޮސްޕިޓަލަށް ގެންދިޔައީ މިނިސްޓަރު އިހުސާންގެ ކާރުގައި!
މިހާރު
1 ޑިސެމްބަރު 2025 | ހޯމަ | 11:25
މާލެ އިން ހުޅުމާލެ އަށް މިރޭ ދިޔަ ދެ ސައިކަލެއް ސިނަމާލެ ބްރިޖުމަތިން ޖެހި ހިނގި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެފައި ވަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކާރުގައި އެ މީހުން ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އެކްސިޑެންޓުވި ވަގުތު މިނިސްޓަރު އިހުސާން ވެސް ވަޑައިގަތީ މާލެ އިން ހުޅުމާލެ އަށް ރަސްމީ ކާރުގައި ދަތުރު ކުރައްވަމުންނެވެ. އެކަމަކު ހާދިސާ ހިނގި ތަން ފެނިވަޑައިގަތުމުން އިހުސާން ވަނީ އޭނާ އެ ވަގުތު އިންނެވި ކާރު ހުއްޓުވައި، އެކްސިޑެންޓުގައި އަނިޔާވި މީހާ އަވަސް ފަރުވާ އަށް އެ ކާރުގައި ގެންދިއުމަށް ފުރުސަތު ދެއްވައިފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ މިރޭ 6:35 ހާއިރު ކަަމަށެވެ. ދެ ސައިކަލުގައި ތިބި ދެ ފިރިހެނުންނަށް އެ އެކްސިޑެންޓުގައި އަނިޔާވެފައިވާ ކަމަށާއި އެ މީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެެވެ.