އިޒްރޭލުން ސީރިއާގެ ކަންކަމާ ނުބެހެން ޓްރަމްޕު އިންޒާރު ދީފި
މިހާރު
2 ޑިސެމްބަރު 2025 | އަންގާރަ | 10:43
އިޒްރޭލުން ސީރިއާގައި ހިންގި އޮޕަރޭޝަނެއްގައި 13 މީހަކު މަރާލިތާ އެއް ދުވަސް ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިޒްރޭލަށް އިންޒާރު ދެއްވައިފި އެވެ.
ސީރިއާގެ އެތެރޭގެ މައްސަލަތައް ގޯސްވާނެ ކަންކަން ނުކުރުމަށާއި އެ ގައުމުގެ އާ ސަރުކާރަށް ގޮންޖެހުން ކުރިމަތިވާނެ ކަންކަން ނުރުމަށް ޓްރަމްޕު އިންޒާރު ދެއްވިތާ ގިނަ އިރުތަކެއް ނުވެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ވަނީ ޓްރަމްޕު ފޯނުން ގުޅައި ނަތަންޔާހޫއާ ވާހަކަ ދެއްކެވި ކަމަށާއި އެމެރިކާއަށް އައުމަށް އަނެއްކާވެސް ދައުވަތު ދީފައިވާ ކަމަށް ބުނެފަ އެވެ.
"އިޒްރޭލުން ސީރިއާއާ އެކު ރަނގަޅު ގޮތުގައި އަދި ތެދުވެރިކަމާ އެކު މަޝްވަރާ ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް. އަދި ސީރިއާ އަކީ ފުދުންތެރި ދައުލަތަކަށް ބަދަލުވުމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ހިންގައިގެން ނުވާނެ،" ޓްރަމްޕު އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްގައި ވިދާޅުވި އެވެ.