ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރުން 2028 އަށް ފަސްކޮށްފި
މިހާރު
2 ޑިސެމްބަރު 2025 | އަންގާރަ | 10:47
ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކް މަނާކުރުމުގެ ލިސްޓުގެ ދަށުން މަނާކުރާ އެންމެ ފަހު ބާވަތް ކަމަށްވާ ޕްލާސްޓިކް ކުދި ފެންފުޅި މަނާކުރާ ތާރީހު 2028 ވަނަ އަހަރަށް ފަސްކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ. މިއީ އެ ތާރީހު ފަސްކުރި ތިން ވަނަ ފަހަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައިވާ ގޮތުން އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން މަނާވާނީ ޑިސެމްބަރު 1، 2027 އިން ފެށިގެންނެވެ. އެ ސައިޒުގެ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖޭގެ ބާޒާރަށް ނެރުން ދެން މަނާވާނީ ޖޫން 1، 2028 ގައި ކަމަށް ގަރާރުގައި ވެ އެވެ.
ކުރިން އަމަލު ކުރަން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ނަމަ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުން ވެސް އިއްޔެ އިން ފެށިގެން މަނާވާނެ އެވެ. އަދި ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާނީ އޭރު ހަމަޖެއްސި ގޮތުން މާޗު 1، 2026 ގަ އެވެ.