28 ޖަލްސާއިން 15 ބިލް ފާސްކޮށް މަޖިލިސް ޗުއްޓީއަށް
މިހާރު
3 ޑިސެމްބަރު 2025 | ބުދަ | 1:34
މުހިންމު ބިލްތަކެއް ފާސްކުރުމަށް ޓަކައި ޗުއްޓީއަށް ދިއުން ތިން ދުވަހަށް ލަސްކޮށް، އެ ބިލްތައް ފާސްކުރުމަށް ފަހު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން މިއަދު ޗުއްޓީއަށް ވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރު ނިންމައި މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވަން އޮތީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. އެހެން ނަމަވެސް މިއަދުގެ ޖަލްސާއާ ހަމައަށް ދައުރު އިތުރުކުރަން ފާސްކުރީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެގޮތަށް ހުށަހަޅުއްވައި މެންބަރު ވޯޓުދެއްވައިގެންނެވެ.
މަޖިލިހުގެ މި އަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާގައި ފާސްކުރި އެންމެ މުހިންމު ބިލަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލެވެ.