އަންހެނުންނަށް ހާއްސަ ކޯޓާއާ އެކު ވިސްނުން ބަދަލުވެއްޖެ؟
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 9:15
އިޖުތިމާއީ ކަންތައްތަކުގައި އިސް ސަފުގައި ހަރަކާތްތެރި އަންހެނަކަށް ވާތީ، ރަށަށް ވަޑައިގަންނަވާ މެހުމާނުންގެ ކަރުގައި މާފަތި އަޅުވަން ޖެހެ އެވެ. މަރުހަބާ ކިޔަން ކުރުނބާ ގެންގޮސް ދޭން ޖެހެ އެވެ. މެހުމާނުންނަށް މަރުހަބާ ކިޔަން ކުރީ ސަފަށް ނެރެފައި ތިބެނީ އަންހެނުންނެވެ. އެކަމަކު، ޒަމާނުއްސުރެ ރަށްރަށުން ފެންނަ މި އާދައަކީ އަންހެނުންނަށް ހައްގު މިންވަރު ހެއްޔެވެ؟
ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަކުރީ މާބޮނޑި އާއި ޖޫސްތަށި އަރުވަން ތިބޭ ބައެއްގެ ގޮތުގައިި ބެލުމަށް ވުރެ ރަށު ފެންވަރުގައި ނިންމާ ނިންމުންތަކާއި ކުރާ ކަންކަމުގައި އެ މީހުންގެ ބައިވެރިވުން އިތުރު ކުރާށެވެ. އެ ކޯޓާގައި ފުރަތަމަ ފަސް އަހަރުގެ ދައުރު އަންނަ އަހަރުގެ އޭޕްރީލް މަހު ހަމަވާއިރު، މި އޮތީ އަނެއްކާ ވެސް އެ ސުވާލު ތަކުރާރު ކުރަން ޖެހިފަ އެވެ.
ކައުންސިލްތަކުން ކޯޓާއެއް ކަނޑައެޅުމުގެ މަގުސަދު ހާސިލް ވެއްޖެ ހެއްޔެވެ؟ ނުވަތަ ލާމަރުކަޒީ ނިޒާމަށް މި ގެނައި ބަދަލުތަކުގެ ބޭނުން ފެނިއްޖެ ހެއްޔެވެ؟ އަދިވެސް އަންހެނުން ތިބެން ޖެހެނީ ރަށަށް ވަޑައިގަންނަވާ މެހުމާނުންނަށް ކައްކައި، ސައި ތައްޔާރުކޮށް، މާފަތި އަޅުވަން ދާން ޖެހޭ މީހުންގެ ލިސްޓުގައި ނަމަ ކުރިއެރުމެއް ނެތެވެ. އެ އަށް ވުރެ ދުރަށް ވިސްނުން ނުގެންދެވޭ ނަމަ ކޯޓާއަކުން ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.