ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ފުލުހުންގެ ފަރާތުން ބޮޑެތި ބަދަލުތަކެއް ފެންނާނެ: އިހުސާން
މިހާރު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 10:27
ފުލުހުންގެ ހިދުމަތް "ރީސެޓް" ކުރަން ބޭއްވި ކޮންފަރެންސްގެ ނަތީޖާ ކުރިއަށް އޮތް 2-3 ހަފުތާގެ ތެރޭގައި ފެންނަން ފަށާނެ ކަމަށާއި ކަންބޮޑުވުންތަކަށް ވަރަށް ކައިރިން އެޑްރެސްކޮށް، ދެނެގަނެވިއްޖެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިދިޔަ އަންގާރަ ދުވަހާއި އިއްޔެ ބޭއްވި "ލޯކަލް ޕޮލިސިން ކޮންފަރެންސް" އާ ގުޅޭ ގޮތުން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތް ކުރިމަގުގައި ބައްޓަން ކުރާއިރު އަމާޒު ހިފާނެ ދާއިރާތަކެއް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ގޭންގާއި ކުޑަކުދިންނާ ގުޅޭ މައްސަލަތައް އަދި ބިދޭސީންގެ ފަރާތުން ކުރިމަތިވާ ކަންކަން ހައްލު ކުރުމެވެ.
"އެކްޝަން ޕްލޭންތަކެއްގެ ތެރެއިން އެ ދާއިރާތަކަށް ވަރަށް ކައިރިން ފުލުހުން ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނެ،" އިހުސާން ވިދާޅުވި އެވެ.