ގެޔަށް ނަމެއް ދޭން އުޅެނިކޮށް އެވީ "ހިތްހަލާކު"!
މިހާރު
5 ޑިސެމްބަރު 2025 | ހުކުރު | 8:08
މަރްހޫމް ކައިރު ޅަތުއްތު (ކައިރޭ) ބޭނުންވީ އޭނާގެ ގެޔަށް "ހިތްހަލާކު" ކިޔާށެވެ. އެކަމަކު އެ ނަން ފާސްކޮށް ނުދިނެވެ. ގެޔަކަށް ކިޔަން އެކަށީގެންވާ ނަމަކަށް ނުވާތީ ކަމަށް ބުނެ އެވެ. ކައިރޭ ދެން ހެދީ މާ މޮޅު ރޮކެޓެކެވެ. އޭނާ ހުށަހެޅީ އެގެޔަށް "ބްރޯކަންހާޓް" ކިޔާށެވެ. އެއީ "ހިތްހަލާކު" ގެ އިނގިރޭސި މާނަކަމެއް އެ ބޭފުޅުންނަށް ނޭގުނީ ކަމެއް ނުވަތަ ދިވެހި ބަހުން ހިތްހަލާކޭ ބުނީމާ އެހުންނަ ގޮތެއް އިނގިރޭސީން ބްރޯކަންހާޓޭ ބުނީމާ ނުހުންނަނީ ކަމެއް ނޭގެ އެވެ. މި ފަހަރު ވަރަށް ފަސޭހައިން އެ ނަން ފާސްވެއްޖެ އެވެ. އެހެން ބަޔަކަށް ދިމާވި ހަމަ އެފަދަ ކަމެކެވެ. އެ މީހުން ހުށަހެޅީ ގެޔަށް "ގަނޑުވަރު" ކިޔާށެވެ. ފާހެއް ނުވި އެވެ. އެކަމަކު "ޕެލަސް" ކިޔަން ހުށަހެޅުމުން ރަޖިސްޓަރީ ކޮށްދިނެވެ.
ރާއްޖޭގައި ގޭގެޔަށް ނަން ދިނުމަކީ އޭގެ ފަހަތުގައި ހެއްވާ މަޖާ އެކި ކަހަލަ ކަންކަން އެކުލެވޭ، އޭގެ ޒާތުގައި ބޮޑު ސަގާފަތެކެވެ. ގޭގެޔަށް ނަން ކިޔުމަކީ، އާއްމުކޮށް ކުރިއާލާ އެކަމާ އުޅެގެން، ކަމުވޮށިގެންވާ މީހުން ކުރެން އަހައިގެން ރީތި ނަމެއް ހޯދައިގެން ކުރާ ކަމެކެވެ. މާލޭގައި އުޅުނު މީހަކަށް ވިލިމާލޭން ގޯއްޗެއް ލިބިގެން އެ އަވަށަށް ހިޖުރަ ކުރަން ގެޔަށް ކިޔާނެ ނަމެއް ހޯދަން މީހެއް ކައިރީ އެހުމުން ބުނީ "ހިޖުރަ" ކިޔުމަށެވެ. ބައެއް ފަހަރު ގެޔެއް ނުލިބެނީސް ވެސް ކިޔާނެ ނަމެއް ހިތުލައިގެން ތިބެ އެވެ. އަނެއް ބައި ފަހަރު މާބޮޑު ވިސްނުމެއް ނެތި، ލިބުނު ނަމެއް ކިޔާލަނީ އެވެ.
އެންމެ ކުރިއަށް ބަލާއިރު ގޭގެޔަށް ނަން ދެނީ ގެ ހުންނަ ހިސާބަކާ ގުޅުވައިގެން، ނުވަތަ އެ ގޭގައި އުޅޭ މީހަކަށް ނިސްބަތްކޮށް، ނޫނީ އެ ގެއެއްގައި ކުރާ މަސައްކަތަށް ބަލައިގެންނެވެ.