އެއް ކޮޓަރީގެ ފްލެޓު ދޫކޮށްލާ މީހުންނަށް އެހެން ސްކީމަކުން ފުރުސަތު ދެވޭނެ ގޮތެއް ބަލަނީ
މިހާރު
5 ޑިސެމްބަރު 2025 | ހުކުރު | 7:55
މިހާރު އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުން އެ ތަން ދޫކޮށްލާފައި ސަރުކާރުގެ އެހެން ހައުސިން ސްކީމަކަށް ނުވަތަ ގޯއްޗަށް އެޕްލައި ކުރެވޭނެ ގޮތް ހޯދައި ދިނުމާ ގުޅޭ ގޮތުން ގޮތްތަކެއް ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާފަންނުގެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގެ ބައެއް ބައިވެރިން އެއް ކޮޓަރީގެ ފްލެޓުގެ މައްސަލަ އަނެއްކާ ވެސް ތިލަ ކުރުމުންނެވެ.
ރައީސް ވިދާޅުވީ، އެއް ކޮޓަރީގެ ފްލެޓު ދޫކޮށްލާ މަތިން އެހެން ހައުސިން ސްކީމަކަށް ކުރިމަތިލެވޭނެ ގޮތެއް ހެދުމަށް ޕޮޒިޓިވް ނުވަތަ އީޖާބީ ގޮތެއްގައި ސަރުކާރުގެ ތެރެއިން އެ ކަންކަން ބަލަމުން ކަމަށެވެ.