ފަލަސްތީނުގައި ރޯދަ މަހު ވަރިކުރުން މަނާކުރުމުން އުފެދުނު ބަހުސް!
މިހާރު
5 ޑިސެމްބަރު 2025 | ހުކުރު | 11:07
ވަރިކުރީ ރުޅި ގަދަވެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވޭ ހާލަތުގައި ހުރެގެން ކަމަށް ބުނެ ކޯޓުގައި މާތްﷲ ގަންދީ ހުވާކުރުމުން އެއީ ވަރިއެއް ނޫން ކަމަށް ފެމިލީ ކޯޓުން ކުރި ހުކުމެއް "މިހާރު" އިން ރިޕޯޓްކުރުމާ އެކު ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. މިކަން އާ ކަމަކަށް ވެގެން ބޮޑު ބަހުސަކަށް ވިޔަސް މިއީ ރާއްޖޭގެ ކޯޓުތަކުގައި އާންމުކޮށް ނިންމާ ބާވަތުގެ މައްސަލައެކެވެ.
އާންމުންނާއި ދީނީ އިލްމުވެރިން ވެސް މި ބަހުސްގެ ތެރެއަށް ވަދެ އެ މީހަކު ގަބޫލުކުރާ ގޮތް ހާމަކުރަމުން ދާއިރު މީގެ 8 އަހަރު ކުރިން ފަލަސްތީނުގެ އުއްތަމަ ފަނޑިޔާރު ޑރ. މަހްމޫދު އަލް ހަބާޝް ވަރިއާ ބެހޭ ގޮތުން ނިންމެވި ނިންމެވުމަކާ އެކު ހުޅުވުނު ބަހުސް ވެސް މި ހާލަތާ ގުޅިއްޖެ އެވެ.
މެއި 2017 ގައި މަހްމޫދު ހަބާޝް ކޯޓުތަކަށް އެންގެވީ ވަރިކުރުމުގެ ހުއްދަ ރޯދަ މަހު ނުދިނުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ ރޯދަ މަހު ނުކައި ނުބޮއެ ތިބޭއިރު އަދި އެ ދުވަސްވަރު ފަލަސްތީނު ރައްޔިތުން އުޅެމުން ދިޔަ ދަތި ހާލުގެ ސަބަބުން މާބޮޑަށް ރުޅި ގަދަވެ، ކޮށްގެން ނުވާނެ ކަންކަން ކުރެވުމެވެ. އެހެންވެ، ރޯދަ މަހު ކުރާ ވަރިއާ މެދު ފަހުން ހިތާމަކުރަން ޖެހިދާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.