ވީއައިއޭގެ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި 29 ވަނަ އެއާލައިނަކަށް އިއްތިހާދު އެއާވޭސް
މިހާރު
5 ޑިސެމްބަރު 2025 | ހުކުރު | 12:07
ޔޫއޭއީގެ ގައުމީ އެއާލައިން އަދި އެ ގައުމުގައި ދެވަނަ އަށް އެންމެ ބޮޑު އެއާލައިން އިއްތިހާދު އެއާވޭސްގެ ހިދުމަތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުން އިއްޔެ ދޭން ފަށައިފި އެވެ.
އެ އެއާލައިންގެ ހިދުމަތް މިދިޔަ ޖުލައި 26 ގައި ހުޅުވި ރާއްޖޭގެ މައި އެއާޕޯޓުގެ އާ ޓާމިނަލްގައި ފެށުމަށް އެ ތަނުގައި ބޭއްވި ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އެ ހަފުލާގައި އެ އެއާލައިންގެ ރާއްޖޭގެ އިސް ވެރިންނާއި މި ސަރަހައްދަށް ކަނޑައަޅާފައިވާ ބައެއް ވެރިން އަދި އެމްއޭސީއެލްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.
އިއްތިހާދު އެއާލައިނުން ވީއައިއޭގެ އާ ޓާމިނަލަށް ކައިރި ކުރި ފުރަތަމަ މަތިންދާބޯޓުން އައި 180 ފަސިންޖަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަކޮށް ސަގާފީ ހަރަކާތެއް ހުށަހެޅި އެވެ. އަދި އެ އެއާލައިނުން އިއްޔެ ފުރި 305 ފަސިންޖަރުންނަށް ވެސް ހަދިޔާ ދިނެވެ.