ޓޫރިޒަމަށް ދޫކޮށް، ނުހަދާ ހުރި ރަށްތަކަށް މުއްދަތު އިތުރުކޮށްދޭ އިސްލާހު ތަސްދީގުކުރައްވައިފި
މިހާރު
6 ޑިސެމްބަރު 2025 | ހޮނިހިރު | 8:24
ޓޫރިޒަމަށް ދޫކޮށްފައިވާ ބިންބިމާއި ރަށްތަކާއި ފަޅުތައް، ތަރައްގީކުރަން ސަރުކާރުން ފުރަތަމަ ދިން މުހުލަތުގެ ތެރޭގައި ނިންމާފައިވާ ނުވާ ފަރާތްތަަކަށް މުއްދަތު އިތުރުކޮށްދޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ބޮޑެތި ގިނަ ބަދަލުތަކެއް ގެނެސް ފާސްކޮށް ތަސްދީގުކުރި އެ އިސްލާހުގައިވާ ގޮތުން ޓުރިޒަމްގެ ބޭނުމަށް ބިމެއް ނުވަތަ ރަށެއް ނުވަތަ ފަޅެއް ކުއްޔަށް ހިފާފައިވާ ފަރާތަކުން އެތަނެއް ނިންމައި ހުޅުވަން އެއްބަސްވެފައިވާ މުއްދަތަށް ނުނިންމާ އޮތް ނަމަ، ޓޫރިޒަމް ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގައި ކަނޑައަޅާ އުސޫލަކުން، މުއްދަތު އިތުރުކޮށްދިނުމުގެ އިހްތިޔާރު ޓޫރިޒަމް މިނިސްޓަރަށް އޮންނާނެ އެވެ.
އެ ބަދަލު ގެނައީ ޓޫރިޒަމާ ބެހޭ ގާނޫނުގެ (6) ވަނަ މާއްދާގެ ތިރިއަށް (6-1) އަދި (6-2) ގެ ގޮތުގައި ދެ މާއްދާ އިތުރުކޮށްގެންނެވެ. އެގޮތުން އިތުރުކުރި (6-1) ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުން، ނުނިންމައި ހުރި ތަންތަން ނިންމައި ހުޅުވަން މުއްދަތު އިތުރުކޮށްދޭނީ އެ ތަންތަން ކުއްޔަށް ހިފި ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުން ބަދަލުކޮށްގެންނެވެ.