މިހާރު ވެސް ކުދިން ތިބީ އެކަށީގެންވާ ވަރަށް ނިވާވެގެން، ޔުނިފޯމް ބަދަލު ކުރުމަކީ ބޭކާރުކަމެއް: ނަޝީދު
މިހާރު
6 ޑިސެމްބަރު 2025 | ހޮނިހިރު | 7:24
ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލާ އެކު، ޔުނިފޯމުގެ އަގު ބޮޑުވާނެ ކަމަށާއި މިހާރު ވެސް ކުދިން ތިބީ "އެކަށީގެންވާ ވަރަށް ނިވާވެގެން" ކަމަށް ވިދާޅުވެ އެ ބަދަލާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.
ސްކޫލްތަކުން ތައްޔާރުވާން އަހަރެއް ދިނުމަށް ފަހު 2027 ގައި ޔުނިފޯމް އެއްގޮތް ކުރަން ނިންމާފައި ވަނީ ހަތަރު ކުލައަކަށެވެ. އެއީ ގައުމީ ދިދައިގައި ހިމެނޭ ތިން ކުލަ ކަމަށްވާ ފެއްސާއި ރަތާއި ހުދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ކުލަ ކަމަށްވާ ނޫ ކުލައަށެވެ.
އެއާ އެކު، ޔުނީފޯމުތައް ހުންނާނެ ގޮތުގެ ކުރެހުމާއި ހުންނަން ޖެހޭނެ ގޮތުގެ އުސޫލު މިހާރު ސްކޫލުތަކަށް ވަނީ ފޮނުވާފަ އެވެ.