އެއްބަސްވުން ތަންފީޒުވާނީ ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމުން: ގަތަރު/މިސްރު
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 6:25
އިޒްރޭލާއި ހަމާސް އިން ޣައްޒާގައި ހަމަލާ ދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކޮށް އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ފެށޭނީ ޣައްޒާއިން އިޒްރޭލު ސިފައިން ފައިބައި ބައިނަލްއަގުވާމީ ފައުޖު ފޮނުވިގެން ކަމަށް، އެއްބަސްވުމަށް ޔަގީންކަން ދީފައިވާ ދެ ގައުމު ކަމަށްވާ މިސްރާއި ގަތަރުން ބުނެފި އެވެ.
ޣައްޒާއިން އިޒްރޭލު ސިފައިން ފައިބައި، ބައިނަލްއަގުވާމީ ފައުޖަކުން ސުލްހަ ބެލެހެއްޓުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހަޅުއްވައި އަދި އދ.ގެ ސަލާމަތީ މަޖިލީހުން އެންޑޯޒްކޮށްފައިވާ ސުލްހައިގެ އެއްބަސްވުމުގައި ހިމެނޭ ކަމެކެވެ. މި އެއްބަސްވުމަށް އޮކްޓޫބަރު 10 އިން ފެށިގެން އަމަލުކުރަމުން އަންނައިރު ޣައްޒާގައި ޖުމްލަ ގޮތެއްގައި ހަމަލާތައް ހުއްޓުމަކަށް އައިސްފައި އޮތް ނަމަވެސް މި ފިޔަވަހި ނިމި ދެ ވަނަ ފިޔަވަހީގައި ބުނާ ކަންކަން ތަންފީޒުކުރަން ފަށާނެ ގޮތަކާ މެދު އަދި އެއްބަސްވުމަކަށް ނާދެވެ އެވެ.
އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި އިޒްރޭލު ސިފައިން ވަނީ "ރީނދޫ ރޮނގު" ގެ ފަހަތަށް ޖެހިފަ އެވެ. ސިފައިން ފަހަތަށް ޖެހުމުން ހަމާސް އިން ވަނީ އިޒްރޭލުގެ ދިރިތިބި ހުރިހާ ރަހީނުން މިނިވަންކޮށްފަ އެވެ. އަދި ރަހީނުންގެ ތެރެއިން މަރުވި މީހުންގެ ހަށިތައް ހަވާލުކުރަން ފަށައި، އެންމެ ހަށިގަނޑެއް ނޫނީ ހުރިހާ ހަށިގަނޑެއް ވަނީ ހަވާލުކޮށްފަ އެވެ.