ޓޫރިޒަމްގެ ނަފާ ހޯދަން ޖެހޭނީ ސަގާފަތް ދިރުވުމާ އެކު
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 9:06
މީހުން ދިރިނޫޅޭ ރަށްރަށުގައި އެކަނި ރިސޯޓުތައް ހަދައިގެން ކުރިން އަހަރެމެން ފަތުރުވެރިކަމުގެ މަސައްކަތް ކުރިޔަސް މިހާރު ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ފަތުރުވެރިކަން ވަރަށް ބޮޑަށް ފެތުރިފަ އެވެ. ގައުމުގެ އިގުތިސާދަށް މިކަމުން ވަރަށް ބޮޑު ކުރިއެރުމެއް ލިބުނަސް މިކަމުން އަހަރެމެންގެ އިޖުތިމާއީ ފޭރާމަށާއި އިސްލާމީ ސަގާފަތަށް ގެއްލުންތަކެއް އެބަ ލިބެ އެވެ. މިއީ މުސްލިމުންގެ ހައިސިއްޔަތުން ކަންބޮޑުވާން ޖެހޭ ކަމެކެވެ. އަދި މިއީ ހައްލެއް ހޯދަން ޖެހޭ ކަމެކެވެ.
ލޯކަލް ނުވަތަ މަހައްލީ ފަތުރުވެރިކަމާ އެކު އަޅުގަނޑުމެންނަށް ދިމާވެފައިވާ ސަގާފީ ގޮންޖެހުމުގައި އެތައް ކަމެއް ހިމެނެ އެވެ. އެއްކަމަކީ ހެދުން އެޅުމުގައި ބައެއް ފަތުރުވެރިންގެ ސަގާފަތް އަޅުގަނޑުމެންގެ އިސްލާމީ ސަގާފަތާ ނުގުޅޭ ހިނދު އެފަދަ ހެދުމުގައި އާންމުން އުޅޭ ތަންތަނަށް ނުކުތުން އެ މީހުންނަށް މައްސަލައަކަށް ނުވުމެވެ.
ދެވަނަ ކަމަކީ ކެއިންބުއިމާއި އެކުވެ އުޅުމުގައި އަހަރެމެންނަށް ހުއްދަނުވާ ބައެއް ކަންކަން އަހަރެމެންގެ ކުރިމަތީގައި އެމީހުން ކުރުމެވެ. މިސާލަކަށް ރާބުއިމާއި ދެޖިންސުގެ މީހުން ގައިގޯޅިވެ އުޅުން ކަހަލަ ކަންކަމެވެ.