ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑު ސާފުކުރަން ހުޅުވާލައިފި
މިހާރު
7 ޑިސެމްބަރު 2025 | އާދިއްތަ | 1:59
އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލާ މީހުންގެ ކުށުގެ ރެކޯޑު ވަގުތު އޮއްވައި ސާފުކުރަން (އީސީ) އިން އެދިއްޖެ އެވެ.
އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ، ދެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން، އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ޑޮކިއުމަންޓުތަކުގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ފުރުސަތު ދުރާލާ ދޭން ބޭނުންވާ ކަމަށެވެ.
ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރަން ޖެހެނީ އީސީގެ އިއުލާނުގައިވާ ގޮތުން، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް މެދުވެރިކޮށް ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ބަލައިގަންނަ ކަމަށް އީސީން ބުންޏެވެ.