މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ގެނައީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވަން: ރައީސް
މިހާރު
8 ޑިސެމްބަރު 2025 | ހޯމަ | 7:42
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނު އިސްލާހުކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މީހަކު ވަނީ، ރައްޔިތުންގެ ބަހެއް ނުހޯއްދަވައި ރައްޔިތުންނާ ސީދާ ގުޅުން ހުރި ބޮޑެތި ނިންމުންތައް ރައީސް ނިންމަވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
"އަޅުގަނޑުމެން ވޯޓުލައިގެން އިންތިހާބު ކުރާ މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ އަޅުގަނޑުމެންގެ ހިޔާލެއް މަޝްވަރާއެއް ނުހޯއްދަވާ. އަޅުގަނޑުމެންގެ ދާއިރާ މެންބަރުގެ މެންބަރުކަން ގެއްލުވާލުމުގެ ބާރު މަނިކުފާނުގެ އަތްޕުޅަށް ނެންގެވިއިރު، ހަމަ ޔަގީނުން ވެސް ދާއިރާގެ ރައްޔިތުންގެ ހިޔާލެއް ނުހޯއްދަވާ. ކޮބައިތޯ ރައްޔިތުންގެ ބާރު؟ ކޮބައިތޯ ރައްޔިތުންގެ ހިޔާލު؟،" އޭނާ ރައީސްއާ ސުވާލުކުރި އެވެ.