ތިނަދުއަށް ކުރި ތަޖުރިބާ ދަތުރު އޮޑިޓުގައި މާނަކުރީ ފަޅު ރަށަކަށް ދިޔަ ކަމަށް: ކާށިދޫ ކައުންސިލް
މިހާރު
9 ޑިސެމްބަރު 2025 | އަންގާރަ | 2:17
ކ. ކާށިދޫ ކައުންސިލުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ފަޅުރަށްތަކަކަށް ދިޔަ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނި ނަމަވެސް އެއީ ގދ. ތިނަދުއަށް ކުރި ދަތުރުތަކެއް ކަމަށް ކާށިދޫ ކައުންސިލުން ބުނެފި އެވެ.
އިއްޔެ އޮޑިޓް އޮފީހުން އާންމުކުރި ކާށިދޫ ކައުންސިލްގެ 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އިދާރީ މުވައްޒަފުންނާ އެކު 18 މީހަކު ޑިސެމްބަރު 28، 2022 އިން ޖެނުއަރީ 2، 2023 އަށް ގދ. އަތޮޅުގެ ބައެއް ރަށްތަކަށް ތަޖުރިބާ ދަތުރެއް ކޮށްފައިވާ ކަމަށެވެ.
އެ ދަތުރަށް ކައުންސިލް ބަޖެޓުން 170،726ރ. ހަރަދުކޮށްފައިވާ ކަމަށާއި މީހުން ދިރިނޫޅޭ ގދ. ކަފެނާ އާއި ގދ. ލާބަދޫއަށް ދިއުމަށް އެ ދަތުރުގައި 4،400ރ. ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެ ރަށްތަކަށް ދިއުމުގެ ބޭނުމާއި މަގުސަދު ދަތުރު ރިޕޯޓުގައި ބަޔާންކޮށްފައި ނެތް ކަމަށް އޮޑިޓުގައިވެ އެވެ.