ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރުނުވާތީ ރަށްތަކުގެ މައްސަލަ ބޭރުކޮށްލައިފި
މިހާރު
10 ޑިސެމްބަރު 2025 | ބުދަ | 11:01
ނ. ކެނދިވަރު އާއި އެ އަތޮޅު ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރަން ސަރުކާރުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ނ. އަތޮޅު ކައުންސިލުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ބޭރުކޮށްލައިފި އެވެ.
އެ ދެ ރަށުގެ މައްސަލާގައި ނ. އަތޮޅު ކައުންސިލުން ރައީސް އޮފީހުގެ މައްޗަށް ކޮށްފައިވާ ދައުވާކޮށްފައިވަނީ އެ ދެ ރަށް ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޭން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ނިންމި ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފް ނިންމުމެއް ކަމަށް ދެކޭތީ އާއި އަދި އެއީ އެ ގާނޫނުގެ މަގްސަދު ހާސިލް ނުވާ ފަދަ ނިންމުމެއް ކަމަށް ބުނެ އެވެ.
ނަމަވެސް، އެ މައްސަލާގައި ކޯޓުން ތާވަލުކުރި ޝަރީއަތުގެ އަޑުއެހުމަށް ހާޒިރެއް ނުވެ އެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ވެސް ކައުންސިލުން އަޑުއެހުމުގައި ބައިވެރިވެފައި ނުވާއިރު، ހުކުމް އިއްވުމުގެ އަޑުއެހުމެއް ތާވަލުކޮށް ޗިޓް ފޮނުވުމުން ވެސް އެ އަޑުއެހުމުގައި ކައުންސިލުން ބައިވެރިވެފައެއް ނުވެ އެވެ.