ވޮކޭޝަނަލް ހައި ސްކޫލު: މަތީ ތައުލީމަށް އުއްމީދީ މަންޒަރެއް
މިހާރު
26 ޑިސެމްބަރު 2025 | ހުކުރު | 9:39
އޯ ލެވެލްގެ ނަތީޖާ ލިބުމާއެކު މުހައްމަދު މާއިޒުގެ އާއިލާއަށް މާޔޫސްކަން ލިބުނެވެ. ހަގަށް ހުރި އެ ފިރިހެން ކުއްޖާގެ ބަލި ހާލަތު ހުރި ގޮތުން އޯ ލެވެލްގައި ރަނގަޅު ނަތީޖާއެއް ނުނެރެވުމުން ކިޔެވުމުގެ ދޮރު ބަންދުވި ކަމަށް ވިސްނުނެވެ. އަދި 17 އަހަރުގެ އެ ކޮއްކޮ އިތުރަށް ފިކުރު ބޮޑުވާން ފެށީ އެއްކޮށް ކިޔަވަން އުޅުނު ކުދިން އެހެން ސްކޫލުތަކުން އޭ ލެވެލް އަށް ފެށުމުންނެވެ. އޭނާ އަށް ފުރުސަތެއް ނެތް ކަމަށް ހީކުރެވުނީ އެވެ.
ނަމަވެސް، ސާނަވީ ފެންވަރަށް ފަންނީ ތަމްރީނު ދޭން ހާއްސަކޮށް މާލޭގައި ރަސްމީކޮށް މިދިޔަ މަހު ހުޅުވި ސްކޫލާ އެކު އެ ފަދަ އާއިލާތަކަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.
މާއިޒް ބުނި ގޮތުގައި އައިޓީގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެގެން ކޮއްކޮ އަބަދު ވެސް އެ ވާހަކަ ދައްކަ އެވެ. އެހެންވެ، ކިޔެވޭނެ ފުރުސަތުތައް ހޯދަމުން ދަނިކޮށް، ފަންނީ ތަމްރީނަށް ހާއްސަ ސްކޫލެއް ހުޅުވަން ތައްޔާރުވާތީ އެ އާއިލާއިން އެކަމަށް އިންތިޒާރުކުރި އެވެ. އަދި އޭގެ މައުލޫމާތުތައް ހޯދިއިރު، ކޮލެޖަކަށް ގޮސްގެން ފައުންޑޭޝަން ހެދުމަށް ވުރެ، ވޮކޭޝަނަލް ހައި ސްކޫލުން ހޯދައިދޭ ފުރުސަތު ރަނގަޅު ވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.