48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަން ފެށި ފަހުން 900 މިލިއަން ދޫކޮށްފި
މިހާރު
10 ޑިސެމްބަރު 2025 | ބުދަ | 10:49
ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފެށި ފަހުން މިދިޔަ އެއް އަހަރުގެ ތެރޭގައި 900 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
މިފްކޯ އަށް މަސް ކިރުވާ މަސްވެރިންނަށް ރައީސްގެ ވައުދާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި ސަރުކާރުން ފައިސާ ދޫކުރަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގަ އެވެ. އެ ފައިސާ ދޫކުރަމުން އަންނަނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.
ފިޝަރީޒް މިނިސްޓަރު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް 1.7 ބިލިއަން ރުފިޔާ ވަނީ މިފްކޯ އަށް ކިރުވާ މަހުގެ ބަދަލަށް ދޫކޮށްފަ އެވެ.