މި ހިސާބަށް ދިޔައިރު ވެސް ޓީޗަރުންނަށް ހިމާޔަތެއް ނެތް!

މިހާރު

11 ޑިސެމްބަރު 2025 | ބުރާސްފަތި | 10:25

އައްޑޫ ހައި ސްކޫލްގެ ދަރިވަރަކާއި ޓީޗަރެއްގެ ދެމެދުގައި ހިނގި ތަޅާފޮޅުމެއްގެ ވީޑިއޯ އިއްޔެ އާންމުވުމާ އެކު ގައުމުގެ ބޮޑު ބަހުސަށް އެކަން ވެއްޖެ އެވެ. ދަރިވަރާއި ޓީޗަރު ވެސް އެކަކު ގަޔަށް އަނެކަކު އަތްލައި އަނިޔާވެރިކޮށް އަމަލުކުރަމުން ދިޔަ މަންޒަރާ އެކު އަލުން ފެށުނީ ކޮންމެ ކަމެއް ވިޔަސް އަބަދުވެސް ދަރިވަރުން ރަނގަޅުކޮށް، ޓީޗަރުން ކުށްވެރި ކުރުމުގެ ވިސްނުމާ އެކު ސްކޫލް މާހައުލުގައި އޮތް ބޮޑު ނުތަނަވަސްކަމުގެ ޒަމާންވީ ބަހުސެވެ. ދަރިވަރުން ރަނގަޅު ކުރުމުގެ ނިޔަތުގައި ދޭ "އަދަބު" ވެސް ކުށަކަށް ބަދަލުވާ ހޫނު ބަހުސެވެ.

ފުރަތަމަ އާންމުވި ވީޑިއޯ ކްލިޕްގައި، ދަރިވަރާއި ޓީޗަރު ތަޅާފޮޅަމުން ދިޔައިރު އެހެން ދަރިވަރުން ހީ މަޖާކޮށް ވީޑިއޯ ކުރަމުން ދިޔަ ގޮތުން އެއީ އެ ކުދިންނަށް އާންމު، އާދައިގެ ކަމަކަށް ވެފައިވާ މަންޒަރެއް ކަމަށް ދޭހަވެ އެވެ. މަންޒަރު ވީޑިއޯކުރި ކަމަށް ބެލެވޭ ދަރިވަރުގެ ލެޕްޓޮޕުން ވެސް ހުޅުވައިގެން އިނީ ގޭމެއް ކަމަށް ވާއިރު މުޅި އެ މާހައުލު ތަސައްވުރު ކޮށްލެވެ އެވެ. މުޅި އެ ކުލާސް ބޮއްސުންލާފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަން ވީޑިއޯތަކުން ސާފެވެ. އެކަމަކު، އައްޑޫ ހައި ސްކޫލްގެ މެނޭޖުމަންޓު ވެސް އޮތީ ބަލަހައްޓައިގެންނެވެ.

މިކަމުގައި ހިމެނޭ ބިދޭސީ ޓީޗަރު ސަސްޕެންޑްކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ. އެ ހިސާބުން އަނެއްކާވެސް މި ފެށީ ދަރިވަރުންގެ އުޅުމާއި އަހުލާގު ކިތަންމެ ގޯސް ވިޔަސް އެޅޭނެ ފިޔަވަޅެއް ނެތް ވާހަކަ އާއި އެ ކުދިންނަށް ކިޔަވައިދޭން ދާ ޓީޗަރުންނަށް ހިމާޔަތެއް ހައްގެއް ނެތް ކަމުގެ ވާހަކަ އެވެ. އެއްބަޔަކަށް ޓީޗަރު ގޯސްވި އިރު އަނެއް ބަޔަކަށް ހުރިހާ ވެސް މައްސަލަ އަކީ ދަރިވަރުންގެ އަހުލާގެވެ. މިފަދަ ކަންކަމުގައި ގެންގުޅޭ ރަސްމީ ސިޔާސަތުގެ ދެކޮޅުނުޖެހޭ ކަމެވެ.

މައުޟޫޢުތަށް