ލަފާކުރި މިންވަރަށް ވުރެ މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީ އިތުރުވެ، 2.2 ބިލިއަނަށް

މިހާރު

11 ޑިސެމްބަރު 2025 | ބުރާސްފަތި | 8:25

މިދިޔަ މަހު މޯލްޑިވްސް އޮންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގަތް އާމްދަނީ 2.2 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މީރާ އިން ރޭ ނެރުނު މަންތުލީ ރިޕޯޓުން ދައްކާ ގޮތުން، މިދިޔަ މަހު ބަލައިގަތް އާމްދަނީ އަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 16.6 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިއީ، މިދިޔަ މަހު ލިބޭނެ ކަމަށް ކުރިން ލަފާކުރި މިންވަރަށް ވުރެން 6.7 ޕަސެންޓު އިތުރު އަދަދެއް ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.

މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ނޮވެމްބަރު މަހުގެ އާމްދަނީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓު ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ހިމެނެ އެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި އައި އަދަދު 10.3 ޕަސެންޓު އިތުރުވުމަކީ، ޓޫރިޒަމުން ލިބުނު އާމްދަނީ އިތުރުވި ސަބަބު ކަމަށް މީރާއިން ވަނީ ފާހަގަކޮށްފަ އެވެ.

މައުޟޫޢުތަށް