އިހުތިޖާޖްކުރާ ކަންނެލި ދޯނިތަކަށް ފުލުހުން އަރައި ބިދޭސީން ހޯދަނީ
މިހާރު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 1:45
ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އަންނަ އިހުތިޖާޖްގައި ބައިވެރިވާ މަސްވެރިން ތިބި ބައެއް ދޯނިފަހަރަށް ފުލުހުން އަރައި، ބައެއް ބިދޭސީން ހައްޔަރުކުރަން ފަށައިފި އެވެ.
އިއްޔެއިން ފެށިގެން މާލޭގެ އުތުރު ފަރާތު ފަޅު ބޭރުގައި އަޅާފައިވާ ބައެއް މަސްދޯނިފަހަރަށް ފުލުހުން އަރައި މީހުން ހިފަހައްޓަން މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ބައެއް މީހުން ޕޯސްޓްކޮށްފައި ވިޔަސް، އެއްވެސް މީހަކު ހައްޔަރުކުރިކަން ފުލުހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މަސްވެރިންގެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަަގަކުރެވިގެން އެކަން އެގޮތަށް ނުކުރަން ނަސޭހަތްތެރިވުމަށް ފަހު، އެ މީހުންނާ ބެހޭ މައުލޫމާތު ހޯދަން މަސަައްކަތްކުރަމުން އަންނަ ކަމަށެވެ.