ފުލުހުންގެ ބެލުމުގެ ދަށަށް ދޯނިތައް ގެންގޮސް މުޒާހަރާ ރޫޅާލައިފި
މިހާރު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 3:28
ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހުތިޖާޖްގައި ބައިވެރިވާ ބައެއް ދޯނިތައް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް، އެ މުޒާހަރާ ރޫޅާލައިފި އެވެ.
އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލީ ޖެޓީ ސަރަހައްދުން ފަށައި އަދި އޭގެ ފަހުން މާލެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.
ހުއްޓުމެއް ނެތި އެ އިހުތިޖާޖު ކުރަމުންދާތާ 24 ގަޑިއިރު ވެސް ވީ ފަހުން ފުލުހުން ވަނީ ދޯނިތަކަށް އަރައިފަ އެވެ. ފުލުހުން ދޯނިތަކަށް އެެރީ އެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާ ކަމަށާއި އެއީ ގާނޫނާހިލާފު ކަމެއް ކަމަށް ބުނެ އެވެ.