އައްޑޫ ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ދާއިރާތައް ބަދަލު ނުކުރުމުން ޝަކުވާ ބޮޑުވެއްޖެ
މިހާރު
11 ޑިސެމްބަރު 2025 | ބުރާސްފަތި | 10:53
ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރާ އިރު، ސިޓީ ކައުންސިލްތަކުން އަންހެނުންނަށް ހާއްސަކުރާ ދާއިރާ ރޮޓޭޓްވާން ޖެހޭ ގޮތަށް ގާނޫނުގައި އޮތް ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ދާއިރާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި ފަހަރު ވެސް ބަދަލުނުކުރާތީ އެކަން ބޮޑު މައްސަލައަކަށް ވެއްޖެ އެވެ.
އީސީން އެގޮތަށް ނިންމާފައި ވާތީ އެކަން ބަދަލުކުރަން ވެރިކަންކުރާ ޕީއެންސީގެ އައްޑޫ މެންބަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވަނީ އީސީއަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
އައްޑޫ ޕީއެންސީގެ މެންބަރުން ސޮއިކުރަމުން ގެންދާ ޕެޓިޝަންގައި ބުނެފައި އޮތީ އަންހެނުންނަށް ހާއްސަކުރާ ދާއިރާ، ގާނޫނުގައި ބުނާ ގޮތަށް ބަދަލުނުކޮށް، ހިތަދޫ ބޭރުމަތި ދާއިރާ މިފަހަރު ވެސް ހާއްސަކޮށްފައި އޮތީ އަންހެނުންނަށް ކަމަށެވެ. މިއީ، އެދާއިރާއަށް ވާދަކުރުމުގެ ހައްގު ފިރިހެނުންނަށް ނުލިބި 10 އަހަރު ދުވަސް ހޭދަވާނެ ކަމެއް ކަމަށް ވެސް ޕެޓިޝަންގައިވެ އެވެ.