ދުނިޔެ ހޫނުވުމުގެ ސަބަބުން ބޯކޮށް ވާރޭ ވެހުމުގެ ނުރައްކާ ލަންކާ ސަރަހައްދަށް ބޮޑު: ރިޕޯޓް
މިހާރު
12 ޑިސެމްބަރު 2025 | ހުކުރު | 6:44
ދުނިޔެ ހޫނުވުމުގެ ސަބަބުން ސްރީ ލަންކާ އާއި މަލަކާ ކަނޑުއޮޅި ސަރަހައްދަށް އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހޭ މިންވަރު ދަނީ އިތުރުވަމުން ކަމަށާއި ލަންކާ ސަރަހައްދަށް މި ނުރައްކާ ވަކިން ބޮޑު ކަމަށް ވޯލްޑް ވެދަ އެޓްރިބިއުޝަން ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ މަހު ސްރީ ލަންކާ، އިންޑޮނީޝިއާ، ތައިލެންޑް އަދި މެލޭޝިއާ ފަދަ ގައުމުތަކުގައި ފެންބޮޑުވެ 2،230 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެ ރިޕޯޓްގައި ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމުގެ ނުރައްކާ އެ ގައުމުތަކުގެ އާބާދީ ބޮޑު ސަރަހައްދުތަކަށް ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
"މަލަކާ ކަނޑުއޮޅި ސަރަހައްދަށް ބަލާއިރު، ދުނިޔޭގެ އެވްރެޖް ސާފޭސް ޓެމްޕަރޭޗާ މަތިވުމުގެ ސަބަބުން ވާރޭ ވެހޭ މިންވަރު 9-50 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ލަފާކުރެވެ އެވެ. ލަންކާގައި މި ޓްރެންޑް ވަރަށް މައްޗެވެ. ތޫފާން ދީތުވާގެ ސަބަބުން ފަސް ދުވަސް ވަންދެން ބޯކޮށް ވާރޭ ވެހުނު ގޮތަށް، ވާރޭ ވެހުމުގެ ނުރައްކާ 28 ޕަސެންޓާއި 160 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ވަނީ އިތުރުވެފައި،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.