ސީޝެލްސްގެ ކުރީގެ ރައީސް ރާއްޖޭގައި ގަތަރުގެ ބަޔަކާ ބައްދަލުކޮށް ވިއްކާލި ކަމަށް ބުނާ ރަށެއްގެ މައްސަލަ ބަލަނީ
މިހާރު
12 ޑިސެމްބަރު 2025 | ހުކުރު | 9:01
ސީޝެލްގެ ކުރީގެ ރައީސް ވަވެލް ރަމްކަލާވަން 2023 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި ގަތަރުގެ ބަޔަކާ ބައްދަލުކުރައްވައި ސީޝެލްގެ "އެސޮމްޕްޝަން އައިލެންޑް" ވިއްކާލުމަށް ހެދި ކަމަށް ބުނާ ޑީލެއްގެ މައްސަލަ ބަލަން އިންކުއަރީ ކޮމިޝަނެއް ހަދައިފި އެވެ.
އިންކުއަރީ ކޮމިޝަން ހެދުމާ ގުޅިގެން ރަމްކަލަވަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. ހާމަކަން ބޮޑު ގޮތެއްގައި، އާންމުންނަށް ވަގުތުން ފެންނަ ގޮތަށް އިންކުއަރީގެ ތަހުގީގުތަކަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ރަމްކަލާވަން ވިދާޅުވީ އޭނާ 2023 ވަނަ އަހަރުގެ ޖޫން 11-14 އަށް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި ގަތަރުގެ އިންވެސްޓަރުންނާ ބައްދަލުކުރައްވައި ރަށުގެ ކަންކަމުގައި މަޝްވަރާކުރެއްވި ކަމަށް އޮތް ތުހުމަތު ވެސް ކޮމިޝަނުން ބަލަން ނިންމާފައި ވާތީ އެކަމުގެ ތަފްސީލް ވެސް ދެއްވާނެ ކަމަށެވެ. އެ ދަތުރާ ބެހޭ ހުރިހާ މައުލޫމާތެއް ހާމަކުރައްވާނެ ކަމަށާއި އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީގައި ހުރި މައުލޫމާތު ވެސް ހާމަކޮށް އެ މިނިސްޓްރީން ވެސް އެއްބާރުލުން ދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.